ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފި އެވެ. މިކަމަށް ސަމާލުވުމަށް އެފްޑީސީން އަންގައިފައިވަނީ، މިކަމުގެ ސަބަބުން އެއްބަސްވުން އެކުލަވާލުމަށް ހޭދަވާ ވަގުތު އިތުރުވާތީ އެވެ.
އެފްޑީސީން ވަނީ މިނިވަންދުވަހާ ގުޅިގެން ސަރުކާރު ބަންދުވުމާގުޅިގެން އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލުމަށްފަހު، މިއަދު އަލުން އެ މަސައްކަތް ފަށާފަ އެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2،665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އެއްބަސްވުން އެކުލަވާލުމަށްޓަކައި ފޮނުވާފަ އެވެ.
މިފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިދިޔަ ހަފްތާގެ ހޯމަ ދުވަހުވަނީ ފަށާފަ އެވެ. ނަމަވެސް، ހަފްތާ ބަންދާ ދިމާކޮށް އައި ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއެކު ސަރުކާރު ބަންދުވުމުން ފްލެޓު އެއްބަސްވުމުގައި ސޮއިކުރުންވެސްވަނީ މެދުކަނޑާލާފައެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާހަމައަށް 92 ފަރާތަކާއެކުވަނީ އެއްބަސްވުން ގާއިމުކޮށްފަ އެވެ.
އެފްޑީސީން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވަންޖެހޭކަމަށެވެ. އެގޮތުން އެގްރީމަންޓުގައި ސޮއިކުރަން އަންނައިރު އައިޑީކާޑުގެ ސާފު ދެ ކޮޕީ ގެނައުމަށް އަންގާފައިވީނަމަވެސް ބައެއް ފަރާތްތަކުން ކޮޕީ ނުގެންނަކަން އެފްޑީސީން ފާހަގަކުރި އެވެ.
ހަމައެއާއެކު އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ބަދަލުވެ ނުވަތަ ނަންބަރު ބަދަލުވެފައިވާނަމަ އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެނގުމަށްވަނީ އެދިފައެވެ. މީގެއިތުރުން އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ޙަވާލުކުރަންޖެހޭކަމަށާއި އެއީ ނޮޓޮރައިޒްޑް ޕަވާ އޮފް އެޓާނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން އިލްތިމާސްކުރި އެވެ. އަދި މިވީ ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރުމަށް އަންނައިރު ހެކިވެރިޔާގެ ބަދަލުގައި ފޯމުގައި ހިމަނާފައިވާ ޒިންމާދާރު ފަރާތް ގެންނަކަން ފާހަގަކުރެވޭކަމަށް އެކުންފުނިން ބުންޏެވެ.
އެފްޑީސީން ބުނީ، މިއީ ފްލެޓު އެއްބަސްވުން އެކުލަވާލުމަށް ހޭދަވާ ވަގުތު އިތުރުވެގެންދާ ސަބަބުތަކެއްކަމަށެވެ. ބޭނުންވާ ލިޔެކިޔުންތައް ހަމައަށް ގެނެސް އިތުރު މައްސަލައެއް ދިމާނުވާނަމަ، ގާތްގަނޑަކަށް 20 މިނިޓު ތެރޭގައި އެގްރީމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ނިމޭނަކަމަށް އެކޯޕަރޭޝަނުން ބުންޏެެވެ.
އެއްބަސްވުންތަކުގެ މަސައްކަތް އަވަސްކުރުމަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި އަށް ކައުންޓަރުންދަނީ ހިދުމަތްދެމުންނެވެ. ރަސްމީ ބަންދު ދުވަސް ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އަކުން ހަވީރު 4:00 ޖެހުމާހަމައަށް މިމަސައްކަތް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް ނިމުމަށްދަނީ މަސައްކަތް ކުރަމުންނެވެ.