ސްރީލަންކާގައި މަތީ ތައުލީމު ހާސިލްކުރާ އަދި ވަޒީފާ އަދާކުރާ ދިވެހިންނާއި އެ މީހުންގެ އާއިލާތަކަށް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ހަމަޖައްސައިފި އެވެ. މިކަން ހާމަކުރެއްވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ރައީސް އޮފީހުގައި އިއްޔެ އޮތް ޖޮއިންޓް ސްޓޭޓްމަންޓްގަ އެވެ.
ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާތީ، އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ލަންކާގައި މިހާރު ވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން ގެންދެ އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅު ކުރުމާ ގުޅޭ ގޮތުން ލަންކާގެ ރައީސްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ދިވެހިންނަށް ލިބޭ ހިދުމަތްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން، ރާއްޖެ އާއި ލަންކާއަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތް ތިމާގެ ދެފަރާތުގެ އިޙްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ގައުމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް، ޑިސަނާޔަކަ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް މުއިއްޒު ތައުރީފު ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި، ވިލުންތެރި، ޝާމިލު އިގްތިސާދެއްގެ ގޮތުގައި ސްރީލަންކާގެ އިގްތިސާދު އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު އިއްޔެ ކުރިއަށް ދިޔަ މަޝްވަރާތަކުގައި ވިޔަފާރީގެ ދާއިރާ އާއި، ދިފާއީ ދާއިރާ އާއި، ތައުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ފަރާތަށްވެސް ހުރި ފުރުސަތުތައް ދެނެގަނެވިފައިވެ އެވެ. އިއްޔެ ބަދަލުކުރެވުނު އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދެގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ގައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ސްރީލަންކާގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، ގާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައި، އިލްމު ހިއްސާކުރުމާއި، އިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި، އެއްބާރުލުން އިތުރުކުރުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުންވެސް އެއްބަސްވެވަޑައިގެންފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. ލަންކާ ހިމެނެނީ ރާއްޖެއާއި އެންމެ ފުރަަތަމަ ސިޔާސީ ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރޭގަ އެވެ.