އިސްރާއީލުން ވަކި ވަގުތަކަށް ހަނގުރާމަ ހުއްޓައިލީ ޣައްޒަ އަށް އިންސާނީ އެހީ ވެއްދުމަށް ކަމަށް ބުނާއިރު، މިހާރު ވައްދަމުންދާ އެހީއިން 2.3 މިލިއަން ރައްޔިތުންނަށް ދެއިރުވެސް ކާން ނުލިބެއެވެ.

ޣައްޒާ ރައްޔިތުންނަށް މިހާރު ވެސް އެންމެ މަދުވެގެން ދުވާލަކު 500 އެހީގެ ޓުރަކު ބޭނުންވެއެވެ. ނަމަވެސް އިސްރާއީލުން ހުއްދަ ދީފައި ވަނީ ދުވާލަކު 30 އަށް ވުރެ މަދު އެހީގެ ޓުރަކު ވެއްދުމަށް ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުން ބުނެއެވެ. އަދި މި ޓުރަކުތައް ބޯޑަރުން ވަންނަން ޖެހޭނީ ވެސް އެންމެ ބޮޑަށް ބަނޑަށް ޖެހިފައިވާ ސަރަޙައްދުތަކުން ކަމަށް ވާއިރު ބޯޑަރު ހުރަސްކުރާ ވަގުތު ބަނޑަށް ޖެހިފައިވާ ޢާންމު ރައްޔިތުން އައިސް އެހީތައް ފޭރިގަންނަ ކަމަށާއި. ޣައްޒާ ސިޓީ އަކީ ޣައްޒާގެ މެދު ކަމަށްވާއިރު އެހިސާބަށް އެހީ ހިފައިގެން (ބަނޑަށް ޖެހިފައިވާ ފޭރޭ މީހުން)ގެ އިތުރުން ލޫޓުވާ ޖަމާޢަތްތައް ހުރަސްކޮށް ޓުރަކުތަކަށް ސަލާމަތުން ދަތުރުކުރުމަކީ ވެސް ވަރަށް އުނދަގޫ ކަމަކަށް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ. މިއީ އިސްރާއީލުން ޕްލޭނެއްގެ ތެރެއިން ގަސްދުގައި ކުރާ ކަމެކެވެ. މިހާރު ވެސް އެހީ ވެއްދުމުގެ ނަމުގައި އިސްރާއީލުން ކޮރިޑޯތައް “ހުޅުވައިގެން” އުޅެނީ ދުނިޔޭގެ ޤައުމުތަކަށް ދެއްކުމުގެ ނަމުގައެވެ.

ގިނަ ޓްރަކްތައް ވައްދަނީ ވެސް ވަރަށް ބޮޑަށް އިންސްޕެކްޓްކޮށް އެތައް ދުވަހެއް ވަންދެން ކިއޫގައި ބޭއްވުމަށްފަހުގައެވެ. ޚަބަރުތައް ބުނާ ގޮތުގައި މިހެން ވުމުގެ ސަބަބުން އަވަހަށް ހަލާކުވާ ޒާތުގެ ކުޑަކުދިންގެ ކިރު ފަދަ ތަކެތި ގިނަ ފަހަރަށް ޑިސްޓްރިބިއުޝަން ޕޮއިންޓްތަކަށް ދިއުމުގެ ކުރިން ހަލާކުވެއެވެ.