ރާއްޖޭގެ ހާރިޖީ ދާއިރާގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި، އެ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް (އެމް.އޯ.ޔޫ) ގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ. މި އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ބައިވެރިވެވަޑައިގެންނެވި އެވެ. މި އެމް.އޯ.ޔޫ އެކުލަވާލާފައިވަނީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓްއާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދުގަ އެވެ. މި އެމްއޯޔޫގައި ރާއްޖެއިން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރެވެ.
ހާރިޖީ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ޑިޕްލޮމެޓަށް އެހީތެރިވެދިނުމުގެ ގޮތުން ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ހުނަރުތަކެއް ލިބިފައިވާ ރަނގަޅު ޑިޕްލޮމެޓުންނަށް ވާންޖެހޭކަމަށެވެ. އެހެންކަމުން، އެފަދަ ޕްރޮފެޝަނަލް ސާވިސްއެއް ކުރިއެރުވުމަށް މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ، ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު، ބަދަލުކުރެވުނު އެއް އެއްބަސްވުމަކީ ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ދެމެދު ކުރެވުނު އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ. އަދި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.