ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރެވޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 82 ދުވަސް ކުރިން - 28 ޖުލައި 2025 20:13
ރައީސް. ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ އާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް. ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ އާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ލަންކާގައި ދިރިއުޅޭ ދިވެހިން ތަމްރީނުކުރުމުގެ އިތުރުން ލަންކާއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު ގުޅުން ބަދަހިކުރުމަށް ދެ ޤައުމުންވެސް އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި.

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ދެ ބޭފުޅުންގެ މެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖޮއިންޓް ޕްރެސްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމެކެވެ. އެގޮތުން، ލަންކާ ރައީސާއެކު ބޭއްވެވި މަޝްވަރާތަކުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއިތަކެއް ލިބިގެންދާނެ އެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތަޢުލީމު ޙާސިލުކުރަމުންދާ ޤައުމެއް ކަމަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައިވެސް ލަންކާގެ ޓީޗަރުން މުހިއްމު ދައުރެއް އަދާކުރާކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، މީހުން ތަމްރީނުކުރުމުގެ އިތުރުން ލަންކާއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު ގުޅުން ބަދަހިކުރުމަށް ދެ ޤައުމުންވެސް އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ދެ ޤައުމުގެ މެދުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާއި، ފޮރިން ސަރވިސަސް އޮފް މޯލްޑިވްސްއާއި ބަންޑްރާނަޔަކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓްއާއެކު ޤާއިމުކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޑިޕްލޮމެޓުންގެ ހުނަރުތައް ތަރައްޤީކުރެވޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މި އެއްބަސްވުންތަކުގެ ތެރެއިން ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާއި ގުޅޭ އެމްއޯޔޫއެއްގައި އާއި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުއާހަދާއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި، މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނުކަންވެސް ފާހަގަކުރެއްވި އެވެ. މީގެއިތުރުން ވިޔަފާރިއާއި ދިފާޢީ ދާއިރާއާއި ތަޢުލީމާއި ވޮކޭޝަނަލް ޓްރެއިނިންއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ތިމާވެއްޓާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށްވެސް މަޝްވަރާކުރެވުނުކަމަށް ރައީސް ވިދާޅުވި އެވެ.

ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ އަދަވަޅުން ސަލާމަތްކުރުމަށް ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރައްވައި ރައީސް ވަނީ ތަޢުރީފުކުރައްވާފައެވެ.

ސްރީ ލަންކާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބަދަލުކުރަމުން އަންނަ ދެ ޤައުމެވެ. ރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ލަންކާގެ ރައީސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%