ޕާލިމަންޓް ސްޕީކާޒް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ސްވިޒަލޭންޑަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ 6 ވަނަ މަޖިލިސް ސްޕީކަޒް ނުވަތަ ދުނިޔޭގެ އެކި ގައުމުތަކުގެ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސްވިޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެ ކޮންފަރެންސް ކުރިއަށް ގެންދަނީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް މަޖިލީހުން ބުންޏެވެ.
"ވޯލްޑް ކޮންފަރެންސް ފޯ ސްޕީކަޒް އޮފް ޕަލިމެންޓް" އަކީ އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މަގުސަދަކީ ބައިނަލްއަގުވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކޮށް، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކޮށްދިނުމެވެ.
މިއީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރެންސެކެވެ.