ރާއްޖޭގެ އިގްތިސާދޯ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ބިނާކުރަނިވި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބް އަރުވާފައިވާ ގަލޮޅު ފިޔާތޮށިގޭ ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
ސޯބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.
ސޯބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ސޯބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަގޮތެއްގައި ސޯބިރު ފާހަގަވެގެންދަނީ، ދިވެހި ގައުމުގެ އިގްތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އެމަނިކުފާނު ކުރައްވައިފައިވާ އަގުހުރި ހިދުމަތްތަކާއި، މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.
11 ނޮވެންބަރު 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލެއްވުމަށް ކަމަށްވާތީ، "ނޭޝަނަލް ޕްލޭނިންގ އޭޖެންސީ"ގެ ނަމުގައި އޮފީހެއް އުފައްދަވައި، އެ ތަނަށް ގާބިލް މީހުން ހަމަޖެއްސެވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. އެގޮތުން، އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަގާމަށް ސޯބިރު ހަމަޖެއްސެވީ، 16 ޑިސެންބަރު 1978 ގައެވެ.
އިތުރު ތައުލީމާއި ތަޖުރިބާ ހޯއްދެވުމަށްޓަކައި 1979 ވަނަ އަހަރުގެ އޮގަސްޓު މަހު ސޯބިރު އެމެރިކާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި، 1985 ވަނަ އަހަރުގެ ބޯހިމެނުމަށް ތައްޔާރުވުން ހިމެނެއެވެ. ރާއްޖެއަށް ފުރަތަމަ ގެނެވުނު ކޮމްޕިއުޓަރު ގެނެވުނީ، އެ މަސައްކަތަށްޓަކަ އެވެ. އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ، ހަމައެކަނި ދިވެހީންނަށް އިސްކަން ދެއްވައިގެން ފެށްޓެވި އެ ޕްރޮޖެކްޓްގެ އިސް މޭސްތިރިޔަކަށް ހަމަޖެއްސެވީ، ސޯބިރު ކަމެވެ.
ނޭޝަނަލް ޕްލޭނިން އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ވިލަރެސްކުރައްވައި ހިންގެވުމުގެ ޒިންމާދާރު ހިދުމަތްތެރިއެއްގެ ގޮތުގައި ސޯބިރު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، އެ މަނިކުފާނު 26 އޮގަސްޓު 1993 ގައި މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނާއިބު ކަމުގެ މަގާމަށް އައްޔަންކުރެއްވި އެވެ.
ރައީސް މައުމޫން، ރިޔާސީ 4 ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، ފިޝަރީޒް މިނިސްޓްރީ އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަންކުރެއްވީ، ސޯބިރެވެ. އެ މަގާމުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް ސޯބިރު ކޮށްދެއްވީ މަތިވެރި ހިދުމަތްތަކެކެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި، 1500 ޓަނުގެ މަސްފިނި ކުރެވޭ ކާރުހާނާއެއްގެ ބިންގާ، ގއ. ކޫއްޑޫގައި އަޅުއްވައިދެއްވުމާއި، ރާއްޖޭގައި އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ހިމެނެއެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި، އާންމު ފަރާތްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެށްޓެވީ، ސޯބިރުގެ ވަޒީރު ކަމުގައެވެ.
ރައީސް މައުމޫން ފެށްޓެވި ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ސޯބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް އެމަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީވެސް، ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި އިތުރު ކެޕޭސިޓީ ބިލްޑް ކުރެއްވުމަށާއި، "ސަނީ ސައިޑް އޮފް ލައިފް"ގެ މޮޓޯގެ ދަށުން ކުރެއްވި އަގުހުރި ހިދުމަތް ފާހަގަކޮށްލަން ޖެހެއެވެ. ސާސް ރޯގާއާއި، ނައިން އިލަވަންގެ ހާދިސާއާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެރި ލޮޅުންތަކުގައި، ސޯބިރުގެ ހިކްމަތްތެރިކަމާއި، ހަރުދަނާ ވިސްނުންފުޅުގެ ފުރިހަމަކަން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރީ، ޝުކުރާއި ތައުރީފު ހައްގުވާ މިންވަރަށެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން އިޝްތިހާރު ކުރައްވައި، ބޭރުމީހުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާންކޮށްލަން ޖެހެއެވެ.
ރައީސް މައުމޫންގެ ރިޔާސީ 6 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ސޯބިރު އައްޔަންކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ކުރެއްވުމަށްފަހު، ސޯބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭރުގެ އެހީ ހޯއްދެވުމަށްޓަކައި ސޯބިރު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ވަރަށް މުހިއްމު މަސައްކަތްޕުޅުތަކެކެވެ.
ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް 31 އޮކްޓޫބަރު 2007 ގައި ސޯބިރު އައްޔަންކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް، އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ.
ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް 5 މާރިޗު 2019 ގައި ސޯބިރު އައްޔަންކުރެއްވުމާ ގުޅިގެން، ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ރާއްޖެއިން ފޮނުވާ ތަކެތީގެ ޑިއުޓީ މާފުކުރެއްވުމަށާއި، ޔޫރަޕިއަން ޔޫނިއަނާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ސޯބިރު ކުރެއްވިއެވެ.
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ސޯބިރު އައްޔަންކުރެއްވީ 30 މޭ ގައެވެ. 17 ނޮވެންބަރު 2023 ގައި އުފެދުނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައިވެސް ސޯބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސޯބިރު، ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ހިދުމަތް ކުރައްވާފަ އެވެ.
ސޯބިރަކީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބުރުވަރީ 2000 ން 27 ފެބުރުވަރީ 2005ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައިވެސް ސޯބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ.
ސޯބިރު އަވަހާރަވިއިރު އަނބިކަނބަލަކާއި، ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.