ކުލަގަދަ ހަފްލާއަކާއެކު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި ބޭނުންކުރަން ފަށައިފި.

މުހައްމަދު ޖަމްޝަތު | 19 ދުވަސް ކުރިން - 26 ޖުލައި 2025 22:30
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް. ކުލަގަދަ ރަސްމިއްޔާތަކަށްފަހު ޓާމިނަލް ބޭނުންކުރަން ވަނީ ފަށާފައި---ފޮޓޯ:ޚުލާސާ
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް. ކުލަގަދަ ރަސްމިއްޔާތަކަށްފަހު ޓާމިނަލް ބޭނުންކުރަން ވަނީ ފަށާފައި---ފޮޓޯ:ޚުލާސާ
ޚުލާސާ

އާ ޓާމިނަލް ހުޅުވާފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު

މީގެ ނުވަ އަހަރު ކުރިން ތަރައްގީކުރަންފެށި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު މިރޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.

ހަވާއެރުވުމުގެ ހަރަކާތްތަކާއެކު ކުލަގަދަކޮށް ކުރިއަށް ގެންދިޔަ ރަސްމީއްޔަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި، ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ވެލާނާ އެއާޕޯޓުގެ ދިގު ތާރީހާއި ތަރައްގީގެ މުހިންމު އުސްއަލިތަށް ހިމެނޭ ހާއްސަ ރިޕޯޓެއް ރަސްމިއްޔާތުގެ ތެރެއިން ވަނީ ހުށަހަޅާފަ އެވެ. އެއާޕޯޓު ހުޅުވުމަށް ހާއްސަ ތިއޭޓްރިކަލް ހުށަހެޅުމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ރަސްމީއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރޯންޝޯގައި، ވެލާނާ އެއާޕޯޓު ރަމްޒުތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި މިނިވަންކަމާއި އެއާޕޯޓުގެ ހިދުމަތްތަކުގެ ރަމްޒުތައް ވަނީ ދައްކާލާފައެވެ. މިއާއެކު ތިއޭޓްރިކަލް ޕާފޯމެންސާއި ޑްރޯން ޝޯ ނިންމާލީ، ހަވާއެރުވުމާއެކު އެވެ.

މިރޭ ހުޅުވި އާ ޓާމިނަލްއަކިީ ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ. ތިން ފްލޯއަށް އިމާރާތްކޮށްފައިވާ މި ޓާމިނަލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު ސެލްފް ޗެކިން ހަ ކައުންޓަރެއް ހުންނާނެ އެވެ. މިއީ އާ ޓާމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފުކުރެވޭ ހިދުމަތެކެވެ. މީގެ އިތުރުން އައު ޓާމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރުވެސް ވަނީ ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން މި ޓާމިނަލާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއިރޯ ބްރިޖްތައް ބޭނުންކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އާ ޓާމިނަލުގައި 12 އެއިރޯ ބްރިޖް ގާއިމުކޮށްފައިވާއިރު މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެކެވެ. އަދި މި ބްރިޖްތަކުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު އަށް މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

މީގެ އިތުރުން އާ ޓާމިނަލުގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ސިސްޓަމްތައް ގާއިމުކޮށްފައިވާއިރު ބެގޭޖް ދޫކުރުމާއި ފުރާ މީހުންގެ ބެގޭޖް ފޮނުވުމަށް ބޭނުންކުރާނީ ހައި ސްޕީޑް ބެގޭޖް ބެލްޓު ތަކެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ޓާމިނަލް ބޭނުން ކުރަން ފަށާއިރު ފުރަތަމަ ހިދުމަތް ދޭނީ ގައުމީ އެއާލައިނަށެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޯރެޓް ޕްރޮސެސް ނިންމައި ވެލާނާ އެއާޕޯޓު ބޭނުންކުރާ ހުރިހާ އެއާލައިންތަކަށް ހިދުމަތްދޭން ފަށާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%