ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެގައުމުގެ މެދުގައި އޮންނަ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަކޮށް ދެގައުމުގެ ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ "އެކްސް" އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައިވާކަމަށާއި އެގޮތުން އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެއްވިކަމަށެވެ.
މޯދީ ފާހަގަކުރެއްވި ގޮތުގައި ދެގައުމުން ދަނީ ޓެކްނޮލޮޖީ އާއި އިންފްރާސްޓްރަކްޗާގެ ރޮގުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ގާތުން މަސައްކަތް ކުރަމުންނެވެ. އަދި މިކަމުން ދެގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ފާހަގަކުރައްވާ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތީ އިއެއްޔެއެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.