ޑިފެންސް މިނިސްޓރީއިން ހުޅުވާ ދޮށިމޭނާ އިމާރާތް މިއަދު ހުޅުވައިފި އެވެ.
މި އިމާރާތް ހުޅުވައިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ. މި އިމާރާތް ހުޅުވައިދެއްވީ ރާއްޖޭގެ މިނިވަން 60 އަށް މޯދީ ކުރައްވަމުންދާ ދަތުރުފުޅުގައި، މިއަދު ހަވީރު އޮތް ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ކެބިނެޓްގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އިމާރާތް ހުޅުވުމުގެ ހަފްލާއަށް ފަހު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް" ކަމަށެވެ.
މި އިމާރާތަކީ އިންޑިއާ ސަރުކާރުން ރާއްޖޭގައި އަޅާދީފައިވާ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް 2014 ގައި ފެށިފައިވާއިރު، 10 ފަންގިފިލާ އެކުލެވޭހެން އިމާރާތް ކުރެވިގެންދިޔައެވެ. މި އިމާރާތގައި ދިފާއީ ވުޒާރާގެ އިތުރުން ކޯސްޓް ގާޑުގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.