ދިވެހި މަސްވެރިކަމާއި އެކުއަކަލްޗާ ކުރިއަރުވަމަށް އިންޑިއާ އާއިއެކު ފަހުމުނާއެއްގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 19 ގަޑިއިރު ކުރިން - 25 ޖުލައި 2025 00:12
މަސްވެރިކަމާއި އެކުއަކަލްޗަރ ކުރިއަރުވަމަށް އިންޑިއާ އާއިއެކު ސޮއިކުރުން/ ފޮޓޯ: ރައީސް އޮފީސް
މަސްވެރިކަމާއި އެކުއަކަލްޗަރ ކުރިއަރުވަމަށް އިންޑިއާ އާއިއެކު ސޮއިކުރުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ފަހުމުނާމާއިން މަސްވެރިކަމުގެ ވެލިއު ޗެއިން ތަރައްގީކުރުމަށާއި، ތަމްރީނާއި ދިރާސާތަކުގައި އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވަޒީރު ޝިޔާމް ވިދާޅުވި.

ދިވެހިރާއްޖޭގެ މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އިންޑިއާގެ އެހީތެރިކަން ހޯދުމުގެ ގޮތުން، ދެ ގައުމުގެ މެދުގައި މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދު މަސްވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުވެ، އެކި ގޮތްގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

މި ފަހުމުނާމާގައި ސޮއިކުރެވިފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީގެ ދަށުން ހިނގާ ޑިޕާޓްމަންޓް އޮފް ފިޝަރީޒްއާ ދެމެދުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖުކުރުން ހަރުދަނާކުރުމާއި، އެކުއަކަލްޗާ ދާއިރާ ކުރިއެރުވުމެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި މަސްވެރި ފަތުރުވެރިކަން ކުރިއެރުވުމާއި، ދެ ގައުމުގައި ވެސް އިޖާދީ ކަންކަމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދިނުން ވެސް މި ފަހުމުނާމާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މި ފަހުމުނާމާއިން މަސްވެރިކަމުގެ ވެލިއު ޗެއިން ތަރައްގީކުރުމަށާއި، ތަމްރީނާއި ދިރާސާތަކުގައި އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މެރިކަލްޗާ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުން ވެސް މި އެއްބަސްވުމުގައި ހިމެނޭކަން ވަޒީރު ފާހަގަކުރެއްވި އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ފަހުމުނާމާއަކީ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ދެ ގައުމުން ކުރާ މަސައްކަތްތަކަށް ވެސް އެހީތެރިވެދޭނެ އެއްބަސްވުމެއް ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ހިއްސާކުރެވޭ މައުލޫމާތާއި ތަޖުރިބާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި އެއްބަސްވުމަކީ މުހިންމު ފިޔަވަޅެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ. މީގެ ސަބަބުން ދެ ގައުމުގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ނަތީޖާތަކެއް ހާސިލުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއަރައިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%