ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

އަައިޝަތު ޒީނާ | 21 ގަޑިއިރު ކުރިން - 25 ޖުލައި 2025 22:22
ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން، ޖުވެނައިލް ލޯންގް-ޓަރމް ސެކިއޯ ފެސިލިޓީ ހުޅުވަވައިދެއްވަނީ. / ފޮޓޯ: ކަރެކްޝަންސް
ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން، ޖުވެނައިލް ލޯންގް-ޓަރމް ސެކިއޯ ފެސިލިޓީ ހުޅުވަވައިދެއްވަނީ. / ފޮޓޯ: ކަރެކްޝަންސް
ޚުލާސާ

ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވޭ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ގާއިމުކުރި ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީ އިއްޔެ ހުޅުވައިފިއެވެ.

މި ފެސިލިޓީ ހުޅުވުމަށް ބޭއްވި ހާއްސަ ރައްމިއްޔާތުގައި، ފެސިލިޓީ ހުޅުވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ. ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރުއާއި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުހައްމަދު ދީދީއާއި، އައްސޭރި ޖަލުގެ ޑައިރެކްޓަރު އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އިސްމާއީލް ނަސީރުއާއި، ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުންގެ އިތުރުން، މޯލްޑިވްސް ކަސްޓަސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ފެސިލިޓީއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު (ނަންބަރު 2019/18) ގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ. އެގޮތުން ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ހާއްސަކޮށް ގާއިމްކުރެވުނު “ޖުވެނައިލް ޑިޓެންޝަން ސެންޓަރު” 30 ޖަނަވަރީ 2022 ގައި ހުޅުވައި، ހިންގަން ފަށާފައިވެ އެވެ.

ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިން އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިން ދިނުމާއި ލައިފް ސްކިލްސް ކިޔަވައިދޭނެ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީގެ އިތުރުން ވަޒީރު އިހުސާން ވަނީ އައްސޭރި ޖަލުގެ ގައިދީންނާއި ބަންދުމީހުން އެފަރާތްތަކުގެ އާއިލާ ތަކާ ބައްދަލުކުރުމަށް ހާއްސަކޮށް ތަރައްގީކޮށްފައިވާ “އާއިލީ ހިޔާ” އާއި އޮފިސަރުންގެ ކުޅިވަރު ފެންޑާ “ހިރުނދު ހިޔާ” ހުޅުވައި ދެއްވާފަ އެވެ.

މި ރައްމިއްޔާތުގައި ވަޒީރު ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމްކުރާ މަރުކަޒުތަކުގެ ތެރެއިން ގާއިމްނުވެ އޮތް ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ގާނޫނު ތަންފީޒުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ. އަދި ގައުމީ ހިދުމަތުގައި ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އޮފިސަރުންނަށް ނަސޭހަތްތެރިވެލެއްވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%