ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުމާއި، ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި، އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައިޕީސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޝްރީ ޖީ. ބާލާސުބްރަމަނިއަން އެވެ.
ހެލްތް މިނިސްޓްރީން ބުނީ، މި އެމްއޯޔޫގައި ސޮއިކުރެވިގެން ދިޔުމަކީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާގެ އެއްބާރުލުން ވަރުގަދަކޮށްދިނުމަށް އެޅިގެންދިޔަ ފާހަގަކޮށްލެވޭ ބިންގަލެއް ކަމަށެވެ. މި އެއްބަސްވުމާ ގުޅިގެން ހެލްތް މިނިސްޓަރު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ބޭސް ރެގިއުލޭޓްކުރުމުގެ އޮނިގަނޑާއި ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި އެކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
މި އެމްއޯޔޫއާއެކު، ރާއްޖޭން އިންޑިއަން ފާމަކޯޕީއަ (އައިޕީ) ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުހަލާތައް ހަލުވިވެގެންދާނެއެވެ. މީގެ އިތުރުން، އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެ އެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ފެންވަރު ބެލުމުގެ ތަހުލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައިޕީއާރްއެސް) އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައި.ޕީއާރް.އެސް މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެ އެވެ.
މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވިދާޅުވި އެވެ. ރާއްޖެ ފަދަ ޤައުމަކަށް، މި އެމްއޯޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.