އިންޑިއާއިން ރާއްޖެއަަށް "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ނުވަތަ ޕޯޓަބަލް 2 ހޮސްޕިޓަލް ހަދިޔާކޮށްފި އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި ހެލްތް ކިއުބްތައް ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ.
މިހެލްތު ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، ޖަނަރޭޓަރު، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ. ހެލިކޮޕްޓަރާއި އަދި ޕެރަޝޫޓްގައި ވެސް ކޮންމެ ސަރަހައްދަކަށް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓެވެ.
މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތަށް ރިޢާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތައް ކުޑަކުރުމަށް އިންޑިއަން ފާމަކޯޕީއަ ކޮމިޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައިވެސް މިއދު ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭހުގެ ފެންވަރު ކަށަވަރުވެ، ރެގިއުލޭޓަރީ މަރުހަލާތައް ހަލުވިވެގެންދާނެ ކަމަށާއި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެ އެވެ.