ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި އެވެ.
މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިޔާސަތުގައެވެ.
މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ މަޝްވަރާތަކުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދެއްވާ ދީލަތި އެހީއަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން، އިގްތިސާދީ ތަރައްގީ، ދިފާއީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ގައުމު އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ގައުމުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ، ގާބިލުކަން އިތުރުކުރުމާއި، ސިއްހީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެ ގައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމަށް، ރައީސް އާއި ބޮޑުވަޒީރު، އިއްތިފާގުވެވަޑައިގަންނަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.