ބޭންކްތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ ޑޮލަރުގެ ޑިޕޮސިޓް ފަސް ޕަސެންޓަށް ދަށްކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 25 ޖުލައި 2025 09:34
މަރުކަޒީ ބޭންކް، އެމްއެމްއޭގެ އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
މަރުކަޒީ ބޭންކް، އެމްއެމްއޭގެ އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްއެމްއޭ އިން ބުނީ އެ ބަދަލު ގެނައުމުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުން ކަމަށް.

އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް)ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަން ޖެހޭ ފައިސާގެ އަދަދު 7.5 ޕަސެންޓުން ފަސް ޕަސެންޓަށް މިއަދު ދަށްކޮށްފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ އެ ބަދަލު ގެނައުމުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުން ކަމަށެވެ.

ކޮވިޑަށް ފަހު އިގްތިސާދީ ރިކަވަރީ ރަނގަޅުވެފައި ވިޔަސް، ބޭރު ފައިސާއަށް އޮތް ޑިމާންޑް އަދިވެސް މަތިވުމާއެކު، ބޭންކުތަކަށާއި އެ ބަދަލުގެ ސަބަބުން މުޅި އިގްތިސާދަށް ކުރިމަތިވެފައިވާ ލިކުއިޑިޓީގެ ޕްރެޝަރަށް ލުޔެއް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ މި ބަދަލުގެ ސަބަބުން ބޭންކްތަކަށް ބޭރު ފައިސާގެ އިތުރު ލޯނު ދޫކުރުމަށް ފުރުސަތު ހުޅުވޭނެ ކަމަށާއި ބޭރު ފައިސާގެ ދަތިކަމަށް ނުވަތަ ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށެވެ.

ޑޮލަރު ބޭނުންވާ ވިޔަފާރިތަކަށާއި އާންމުންނަށް ބޭންކްތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއާރްއާރްއަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކްގައި ރިޒާވްގެ ގޮތުގައި ރުފިޔާއިން ނުވަތަ ބޭރު ފައިސާއިން ބަހައްޓަން ޖެހޭ ޕަސެންޓެވެ.

އެ ރިޒާވްތައް ލޯނު ދޫކުރުމަށް ނުވަތަ އިންވެސްޓްކުރުމަށް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި މިއީ މާލީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް އެމްއެމްއޭގައި ބަހައްޓާ ފައިސާ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%