އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

މުހައްމަދު ޖަމްޝަތު | 7 ގަޑިއިރު ކުރިން - 23 ޖުލައި 2025 23:59
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމް، 65އ.--
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމް، 65އ.--
ޚުލާސާ

އަބްދުއްރަހްމާނަށް ހަމަލާދީ މަރާލީ މި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު ގޭގައި ނިދާފައި އޮއްވަ

ނިދާފައި އޮއްވައި ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމް، 65އ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިރޭ ރާއްޖެ ގެނެސްފި އެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އަބްދުއްރަހްމާނުގެ ހަށިގަނޑު މާލެ ގެނެސް މިރޭ 19:50 ހާއިރު މޯޗަރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހްމާނަށް ހަމަލާދީ މަރާލީ މި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު ގޭގައި ނިދާފައި އޮއްވަ އެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ، މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ގިނަ އަދަދަކަށް ލޭ ފޭބިއެވެ. އޭނާ މަރުވެފައިވަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަތަރު ގަޑިއިރު ފަހުންނެވެ.

ފުލުހުން ބުނީ، އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ގާތިލު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އަބްދުއްރަހްމާންގެ މަރާއެކު މުޅި މާޅޮހަށް ވަނީ ކުއްލި ސިހުމެއް ގެނުވާފައެވެ. ސަބަބަބީ ވައްކަން ފަދަ ކުދި ކުދި ކުއްތައް ވެސް އެރަށުގައި ނުކުރާތީއެވެ. އެރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އަބްދުއްރަހްމާން މަރާލާފައިވަނީ ރަށުން ބޭރު ބަޔަކު އެރަށަށް އަރައިގެންނެވެ.

ފުލުހުން އަންނަނީ މި މައްސަލައިގެ ތަހުގީގުގައި ރަށުގެ ބިއްދޮށު ވަލުތެރެވެސް ބަލައިސާފުކުރަމުންނެވެ.

އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް ކަމަށާއި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށްވެސް އެރަށުގެ ބައެއް މީހުން ބުނެފައިވެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%