ޣައްޒާގެ ރައްޔިތުން ތިބޭ ގިނަ ސަރަޙައްދުތައް ހުރީ ނުވަދެވޭ ގޮތަށް ބަންދު ކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން ކާނާ ފޯރުކޮށްނުދެވި، އެމީހުން މަރުވާނެ ކަމަށް ބުނެ ބައިނަލްއަގުވާމީ 100 އަށްވުރެ ގިނަ އިދާރާއިން އިންޒާރު ދިނުމުން ޣައްޒާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭ އުޞޫލު ހަރުދަނާ ކުރުމަށް އެމެރިކާއާއި އިސްރާއީލުން ނިންމައިފި އެވެ.
ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދެނީ އެމެރިކާ އާއި އިސްރާއީލުން އުފައްދައިގެން އުޅޭ ޖަމާޢަތެއް ކަމަށްވާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިންނެވެ. އެމެރިކާ އިސްނަގައިގެން އެހެނިހެން ގައުމުތަކުން ވެސް ދޭ އެހީތައް ހިމަނައި، ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެނީ އެމެރިކާ އާއި އިސްރާއީލުގެ ބެލުމުގެ ދަށުންނެވެ. އެކަމުގައި ޙަރަކާތްތެރިވަނީ މުޅިންވެސް އެމެރިކާ އާއި އިޒްރޭލުގެ މީހުންނެވެ.
ބައިނަލްއަގުވާމީ އިންސާނީ އެހީދޭ ޖަމާއަތްތަކުން ބުނީ ވަގުތުން ކާނާ ފޯރުކޮށްނުދީފިނަމަ ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން ކުރިޔަށް އޮތް ދެހަފްތާއަށް ފަހު ޣައްޒާއިން ބަނޑުހައިހޫނުކަމުގައި މީހުން މަރުވާނީ ބޮޑެތި ގްރޫޕްގުރޫޕަށް ކަމަށާއި، ޣައްޒާގެ ވަރަށް ގިނަ ރައްޔިތުންނަށް ކާނާ ނުލިބޭ ކަމަށެވެ.
މިއާއެކު، އެމެރިކާއާއި އިޒްރޭލުގެ ދަށުން ޣައްޒާގައި އެހީ ބަހާ ޖަމާއަތާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނީ ޣައްޒާގައި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު "މެދުނުކެނޑި ރަނގަޅު" ކުރަމުން އަންނަ ކަމަށެވެ.
އެންމެ ފަހުގެ އަޕްޑޭޓްގައި ޖީއެޗްއެފް އިން ބުނީ އާ ޕައިލެޓް ޕްރޮގްރާމެއްގެ ތެރެއިން 13 ޓުރަކްގެ ފުރާ އަލުވި ވެސް ޑެލިވަރީ ކޮށްފައިވާ ކަމަށެވެ.
އިންސާނީ އެހީދޭ ޖަމިއްޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިހާރު ދޭ އެހީ އަކީ އެއްވެސް ވަރަކަށް ފުދޭ މިންވަރެއް ނޫނެވެ. އެމީހުން ބުނާ ގޮތުގައި ދުވާލަކު ޣައްޒާ ރައްޔިތުންނާ ހަމައަށް ފޯރަނީ އެންމެ 28 ޓްރަކުގެ ކާބޯތަކެއްޗެވެ.
ޣައްޒާ ރައްޔިތުންނަށް ދުވާލަކު 500 ޓުރަކުގެ ކާބޯތަކެތި ފޯރުކޮށްދޭން ޖެހެ އެވެ.