ނ. މިލަދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މަގުތައް ހެދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިލަދުއަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށެވެ.
އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ ސްކޯޕް، ކައުންސިލާއެކު ފައިނަލްކުރާއިރު، ރަށުގެ ރައްޔިތުން އެދޭ ގޮތަށް މޫދަށް އެރެވޭނެ ސަރަހައްދެއް ހެދޭ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މިލަދޫގެ ފެނުގެ ނިޒާމާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ނިމެން ކައިރިވެފައިވާ ކަމަށާއި މިހާރު 16 ގަޑިއިރަށް ހިދުމަތް ދެމުން އަންނަ ހެލްތު ސެންޓަރަށް އިތުރު ނަރުހުން ބޭނުންވާތީ އެކަން ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރަށުގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިލަދޫގައި އަޅާ 50 ހައުސިން ޔުނިޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި، ރައްޔިތުން ބޭނުންވަނީ އަމިއްލަ ގޯތީގައިގެދޮރު އެޅުންތޯ ނުވަތަ ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓް އެޅުންތޯ ބައްލަވައި، ރައްޔިތުން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.