އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ކުރިޔަށްދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް

މުހައްމަދު ޖަމްޝަތު | 7 ގަޑިއިރު ކުރިން - 23 ޖުލައި 2025 17:26
މަރުކަޒީ ބޭންކް، އެމްއެމްއޭ---
މަރުކަޒީ ބޭންކް، އެމްއެމްއޭ---
ޚުލާސާ

ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ބޭންކިން ގާނޫނާއި ހިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެކަމަށް އެމްއެމްއޭއިން ބުނި.

އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސް އަށް ގަތުމުގެ ވިޔަފާރީގެ މުއާމަލާތުގެ ހުރިހާކަމެއްވެސް ކުރިއަށްދަނީ އެކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެ މަތިން ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިހެން ބުނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ބީއެމްއެލް އިން ކުރިއަށް ގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.

އެމްއެމްއޭއިން ބުނީ އެސްޑީއެފްސީގެ ގަތުމަށް ހުށަހަޅާ މުއާމަލާތާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ބަލާފައިވާ ކަމަށެވެ.

އަދި ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ހިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މީގެ އިތުރުން ބީއެމްއެލް އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުއާމަލާތުގެ ހުރިހާކަމެއްވެސް ކުރިޔަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލްއިން ވަނީ އެމްއެމްއޭއަށް ޔަގީންކަން ދީފައިވާކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%