އިންޑިއާގައި ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ދިވެހި 10 ފުލުހަކު ފުރިހަމަކޮށްފި

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 22 ޖުލައި 2025 16:32
އިންޑިއާގައި ވީއައިޕީ ސެކިއުރިޓީ ޓްރެއިނިންގައި ބައިވެރިވި ބައެއް ދިވެހި ފުލުހުން, އިންޑިއާގެ ފުލުހުންނާއެކު / ފޮޓޯ: ޕޮލިސް
އިންޑިއާގައި ވީއައިޕީ ސެކިއުރިޓީ ޓްރެއިނިންގައި ބައިވެރިވި ބައެއް ދިވެހި ފުލުހުން, އިންޑިއާގެ ފުލުހުންނާއެކު / ފޮޓޯ: ޕޮލިސް
ޚުލާސާ

10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީނަކީ އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނެއް.

އިންޑިއާގައި ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ދިވެހި 10 ފުލުހަކު ފުރިހަމަކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިންޑިއާގެ ނޮއިޑާ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ "ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން''ގައި ދިވެހި ފުލުހުންގެ 10 ބޮޑީގާޑުން ބައިވެރިވެ, ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށެވެ.

މި މަހު 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީނަކީ އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި, އެ ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިން، ޓެކްޓިކަލް ޓްރެއިނިން އަދި ފިޒިކަލް ޓްރެއިނިންގެ އިތުރުން ވީއައިޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވެ އެވެ.

އެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި, ޑިރެކްޓާ ޖެނަރަލް އޮފް ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް، ގިޔަނެންޑްރަ ޕްރަޓަޕް ސިންހެ, އެ ތަމްރީނު ފުރިހަމަކޮށްފައިވާ 10 ފުލުހުންގެ ވެސް ޑިސިޕްލިން ވަރަށް ރަނގަޅު ކަމަށް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށް ފުލުހުން ބުންޏެވެ. އ

ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ދިވެހި ފުލުހުންނަށް ދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި ކަމަށާއި އެ ތަމްރީނުން ދަސްވި ހުނަރުތަކުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ބައިވެރިންނަށް ނަސޭހަތްތެރިވި ކަމަށް ފުލުހުން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%