ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މަނަދޫގައި އަޅައިފި

އައިޝަތު ރުވާ ރިފްޢަތު | 89 ދުވަސް ކުރިން - 22 ޖުލައި 2025 11:41
ނ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުން/ ފޮޓޯ: ރައީސް އޮފީސް
ނ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި ހާއްސަކޮށް މަނަދޫ ރައްޔިތުންނަށް، ރަށުގައި ތިބެގެން ސިއްހީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރި.

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ. މި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރާކް އަދި މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހްމާން ސަބީހުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. މަނަދޫގައި ތަރައްގީކުރާ އާ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫއަކީ ސަރުކާރުން 187 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީ ކުރާ މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި ހާއްސަކޮށް މަނަދޫ ރައްޔިތުންނަށް، ރަށުގައި ތިބެގެން ސިއްހީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، މަނަދޫ ހޮސްޕިޓަލުގެ އާ އިމާރާތާއެކު އިތުރު ހިދުމަތްތަކެއް ހޮސްޕިޓަލަށް ތައާރަފުކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ. އެގޮތުން، ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ހިދުމަތްތައް ގާއިމުކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަމަށް ފަންނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނ.އަތޮޅުގެ ސިއްހީ ހިދުމަތް ވަރުގަދަކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވިދާޅުވި އެވެ.

މަނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ފަށާފައިވާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެރަށުގައި 3،000 އެއްހާ މީހުން ދިރިއުޅެމުންދެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%