ބަަންގްލަދޭޝްގެ ވެރިރަށް ޑާކާގައި، ވައިގެ ސިފައިންގެ ތަމްރީނު ޖެޓެއް ސްކޫލެއްގެ މައްޗަށް ވެއްޓި ޕައިލެޓާއި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް މަދުވެގެން 20 މީހުން މަރުވެ، ސަތޭކަ ފަންސާހަށް ވުރެ ގިނަ މީހުން ޒަޚަމް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ވައިގެ ސިފައިންގެ އެފް-7 ބީޖީއައި (ޗެންގްޑޫ ޖޭ-7 ސީރީޒް) ޖެޓް، ކުރުމިޓޯލާގައި ހުންނަ އޭ.ކޭ. ކަންޑަކާ އެއަރފޯސް ބޭސް އިން ފުރައިގެން ދިޔަތަނާހެން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ޚަބަރުތައް ބުނެ އެވެ.
ޖެޓް ވެއްޓުމާއެކު ބޮޑު އަލިފާންގަނޑެއް ރޯވެ، ސްކޫލްގެ ކްލާސްރޫމްތަކާއި ކެންޓީންތަކުގައި ތިބި ދަރިވަރުންނާއި މުވައްޒަފުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ. ލިބިފައިވާ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް މަދުވެގެން 19 މީހުން އަލިފާނުގެ ސަބަބުން ނުވަތަ ޖެޓް ވެއްޓުމުގެ ސަބަބުން މަރުވެފައިވެއެވެ. ޕައިލެޓް ވެސް މި ހާދިސާގައި ވަނީ މަރުވެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 160 އާއި 171 އާ ދެމެދުގެ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ މީހުންނެވެ.
ބަންގްލަދޭޝްގެ ވަގުތީ ލީޑަރު، މުޙައްމަދު ޔޫނުސް، މި ހާދިސާ އަކީ ވަރަށް ބޮޑު ހިތާމަވެރި ވަގުތެއް ކަމަށް ސިފަކުރައްވައި، ޖުލައި 22 ވަނަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށް ވަނީ އިޢުލާނު ކުރައްވާފައެވެ.