އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް، އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު، ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސާއި، އިންޑިއާގެ ސަފީރު ވަނީ، ދެ ގައުމުގެ ޒަމާންވީ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ މައްޗަށް މަޝްވަރާކުރައްވާފަ އެވެ.
ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ، ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މަތީ ދެ ގައުމުން ބިނާކޮށްފައިވާ ބަދަހި ގުޅުމުގެ މައްޗަށާއި، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއީ ދެ ގައުމުގެ ގުޅުމުގެ ބިންގާކަމުގައި ވިދާޅުވެފަ އެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، އިހުތިރާމާއެކު، ދެފަރާތަށް ގަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުއާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވެފަ އެވެ.
އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނައިބު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި މި ވަނީ، މި ހިނގާ ޖުލައި މަހުގެ 25 އިން 26 އަށް، އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޝްރީ ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.