12 ހަރުގެ ކުއްޖާއާ ބެހުނު މައްސަލައިގައި 48 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ދެކުނުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:35 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ރަށުގެ ޕޮލިސް ސްޓޭޝަނުންނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައަކީ ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން، އެ ކުއްޖާގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.









