އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ހިލާފުވި ފުލުހަށް ފިޔަވަޅު އަޅައިފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ފޮޓޯއެއްގައި ފެންނަނީ ބްރިޖަށް އަރަންދާ ބޮޑުތަކުރުފާނު މަގުގައި ފުލުހަކު ދުއްވަން އިން ސައިކަލަކުގައި ޕްރައިވެޓް ޒޯން "ސީ" ގައި ރަޖިސްޓްރީ ކޮށްފައިވާ ސައިކަލެއް ނަމަވެސް "އޭ" ޒޯނުގައި ދުއްވާ މަންޒަރެވެ.
އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރި މީހާ ވަނީ ގާނޫނުތައް ތަންފީޒުކުރަން ތިބޭ މީހުން ގާނޫނުތަކަށް ބޯ ނުލަނބައި، އާންމު ރައްޔިތުން ގާނޫނުތަކަށް ބޯލަނބަށް އުއްމީދުކުރާ ކަމާމެދު ފުލުހުންނަށް ސުވާލު އުފައްދާފައެވެ.
އެ ޕޯސްޓަށް ރައްދު ދެއްވައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު ޝިފާން ވިދާޅުވީ އެ ފޮޓޯގައި ފެންނަ ފުލުސް އޮފިސަރަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެ އަމަލު އިސްލާހު ކުރުމަށް އެ ފުލުސް އޮފިސަރަށް ނަސޭހަތްތެރިވެފައި ޝިފާން ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ފެންމަތިވާ މިފަދަ މައްސަލަތަކަށްވެސް ފުލުހުން އެޓެންޑުވެ، މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރެއެވެ.









