ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ޖުލައި މަހުގެ 20 އިން 21 އަށް މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިންޓަރޕޯލްގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ އޮޕަރޭޝަނަލް ސަޕޯޓް ޓީމްގެ ފަރާތުން ކަމަށެވެ.
ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން. / ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ހިދުމަތުގެ ކަމާބެހޭ ބަހާތަކުގެ އިތުރުން، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މުވައްޒަފުން ހިމެނޭހެން ޖުމުލަ 28 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ތަމްރީނުގައި، ބްލޮކްޗެއިންގެ މައިގަނޑު އަސާސްތަކާއި، ބިޓްކޮއިން އަދި އެތީރިއަމް މެދުވެރިކޮށް އާންމުކޮށް ކުށްތައް ހިންގާ ގޮތާއި، ކްރިޕްޓޯގެ ސަބަބުން ތަހުގީގުތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ތަހުގީގުތަށް ބައްޓަން ކުރަންވީ ގޮތް އުނގަންނައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތަމްރީނުގައި މައުލޫމާތުދެއްވީ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ ފަރާތުން ކްރިޕްޓޯ ކަރަންސީއާ ބެހޭ މާހިރުން ކަމަށެވެ.









