މާލޭގެ ފިހާރައެއްްގައި " ފޭކް" ޒަމްޒަމް ފެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލޭގައި މި ފެން ވިއްކަމުންދަނީ ނަސަންދުރަ ފުރަގަހުގައި ހުންނަ "ޑަޔާނާ ޓްރޭޑާސް" ނަމަކަށް ކިޔާ ފިހާރައިންނެވެ. ޒަމްޒަމް ފެން ނަމުގައި މި ފެން ވިއްކަމުންދާތާ ދުވަސްކޮޅެއްވެފައިވާއިރު މާލެ އާއި އަތޮޅުތެރޭގެ ގިނަ ބަޔަކު މި ފެން ގަނެގެން ބޭނުންކުރަމުން އަންނަ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
"ޚުލާސާ"ގެ ނޫސްވެރިން މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިގައި ވިއްކަން ހުރީ ފޭކް ޒަމްޒަމް ފެންކަން ވަނީ ހާމާވެފަ އެވެ. އެއީ އަސްލު ޒަމްޒަމް ފެން އަޅާފައިހުންނަ ފުޅީގައި ހުންނަ ލޭބަލް އާއި މި ފުޅީގައި ހުރި ލޭބަލް ތަފާތެވެ.
ފޭކް ޒަމްޒަމް ފެން ވިއްކުމުގެ މައްސަލަ ތަކަކީ ޔޫއޭއީގެ އިތުރުން ތުރުކީއާއި ޔޫކޭފަދަ ގައުމުތަކުންވެސް ފެންމަތިވެފައިވާ މައްސަލަ އެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ފޭކް ފެން އުފައްދަނީ ތުރުކީންނެވެ. އަދި ރާއްޖޭގައި މި ފެން ވިއްކަން ހުރި ފިހާރައަކީވެސް ތުރުކީއަށް ނިސްބަތްވާ މީހެއްގެ ހިއްސާ އޮންނަ މީހެއްގެ ވިޔަފާރިއެއްކަން ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.