ފެންބޮޑުވުމުގެ މައްސަލަ: މާލެއަށް އިތުރު ދެ ޕަމްޕު ހޯދަން ބީލަމަށް ހުޅުވާލައިފި

އާނާ ފަހީމް | 6 ގަޑިއިރު ކުރިން - 19 ޖުލައި 2025 19:45
ވިއްސާރަވެ މަގުތަކުގައި ފެންބޮޑުވުން/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
ވިއްސާރަވެ މަގުތަކުގައި ފެންބޮޑުވުން/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚުލާސާ

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ދާއިމީ ހައްލަކަށް ގެނައުމަށް، މާލެ ސިޓީ ކައުންސިލުން އިތުރު ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ދާއިމީ ހައްލަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސިޓީ ކައުންސިލުން އިތުރު ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ. މި ޕަމްޕުތައް ހޯދުމަށް ނިންމާފައިވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ވާރޭވެހިއްޖެނަމަ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށެވެ.

މި ދެ ޕަމްޕު ކައުންސިލަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުން ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ، އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ. މި ކަމާގުޅޭ އަގު ހުށަހެޅުން އޮންނާނީ، ޖުލައި މަހުގެ 31 ވަނަ ދުވަހު 9:00 ގައި މާލެ ސިޓީ ކައުންސިލް އިދާރާ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ކުރީ ކޮޅު ވެސް، ކައުންސިލުން ވަނީ "ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަން" ގެ ނަމުން ނަން ދެވިފައިވާ ދެ ޕަމްޕު ގެނެސްފަ އެވެ. އަދި ކައުންސިލްގެ އެދުމުގެ މަތިން މިހާރު އެ ދެ ޕަމްޕު ބަލަހައްޓަމުން އަންނަނީ މިނިސްޓްރީ އޮފް ޑިފެންސުންނެވެ.

ކައުންސިލުން ޑިފެންސް މިނިސްޓްރީއާ ހަވާލުކުރި އެ 2 ޕަމްޕަކީ ވެސް، ފެން ގަނޑުތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެކެވެ. އަދި އެ ޕަމްޕުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ.

މި ފަހަކަށް އައިސް މާލޭގައި ފެންބޮޑުވާ މައްސަލައަށް އަންނަނީ ބޮޑުތަނުން ހައްލުވަމުންނެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން، މާލޭގެ ކާނުތައް ސާފުކުރުމަށް މިހާތާނަށް ކުރެވުނު މަސައްކަތުން 15،000 އަށް ވުރެ ގިނަ ކާނު ވަނީ ސާފުކޮށްފައިކަން ފާހަގަ ކޮށްލެވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%