ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބީއެމްއެލް އިސްލާމިކްގެ ބްރާންޗެއް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، މި ބްރާންޗުގައި ހިދުމަތްދެމުންދާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އަދި މިއީ ބީއެމްއެލްގެ 40 ވަނަ ބްރާންޗުކަމަށްވެސް އެ ބޭންކުން މައުލޫމާތުދެ އެވެ.
ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން އެރަށު ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ރައްޔިތުންނަށް ރަށުގައި ތިބެގެން ގިނަ ހިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އަދި ރައީސްގެ މި ތަސައްވުރާއެކު، ބީއެމްއެލްގެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ދުވާފަރަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ރަށުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަކީ ރަށު ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ކަމެއްކަމަށެވެ. އަދި މި ހިދުމަތާއެކު ރަށު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިރެކްޓަރު އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ "ޕޭޕަރ ލެސް" ނުވަތަ ޑިޖިޓަލް ބޭންކިންގ ނިޒާމުކަމަށެވެ. އަދި މި ފަދަ ނިޒާމެއް ބޭނުންކުރުމުގެ މުހިންމުކަމާއި އެކަމުގެ ސަބަބުން ލިބިގެންދާނެ ފަސޭހަތައް އޭނާ ފާހަގަކުރެއްވިއެވެ.
ދުވާފަރު ބްރާންޗުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ. އަދި ރަސްމީ ގަޑީގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތަކާއި، ކާޑުގެ ޚިދުމަތްވެސް ލިބޭނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ. މީގެ އިތުރުން، މި ބްރާންޗުން ޚިދުމަތް ފޯރުކޮށްދޭނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.