މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،202،262 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
މި މަހުގެ 1-16 އަށް ރާއްޖެއަށް އައިސްފައި ވަނީ 94،132 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 81،631 ޓޫރިސްޓުންނެވެ.
އެހެންކަމުން އެއީ 15.3 ޕަސެންޓްގެ ކުރިއެރުމެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް ވަނީ 165،134 ޓޫރިސްޓުން އައިސްފަ އެވެ.
ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާ އެވެ. އެ ގައުމުން ވަނީ 140،298 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 115،133 ޓޫރިސްޓުން އައިސްފައިވެ އެވެ.