މޫސުން ވަރަށް ގޯސްވުމާ ގުޅިގެން، ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ރީނދޫ ސަމާލު ދިގު ދަންމާލައިފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ދިގު ދަންމާލާފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅަށެވެ. މިއަދު 17:30 އާ ހަމައަށް ދިގު ދަންމާލާފައިވާ އެ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓުން ބުނީ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ދ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް މިއަދު ހަވީރު 17:00 ހަމަޔަށް ވަނީ ހުދު ސަމާލުވެސް ނެރެފަ އެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓުގެ ދެމެދުގައި ހުރިއިރު، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުރުން އެކަށީގެން ވާކަމަށް ވެސް މެޓުން ބުންޏެވެ.
މެޓުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އެމްއެންޑީއެފުންނާއި ފުލުހުން މިއަދުވެސް ވަނީ އޮޔާދިޔަ ދެ ޑިންގީއެއް ސަލާމަތްކޮށްފަ އެވެ.









