ބަންގްލަދޭޝްގެ ދެކުނުގައި އޮތް ގޯޕާލްގޮންޖުގައި ބޭއްވި ހިނގައިލުމެއް ހަމަނުޖެހުންތަކަކަށް ބަދަލުވެ، މަދުވެގެން ހަތަރު މީހުން މަރުވެއްޖެއެވެ. މި ހިނގައިލުން އިންތިޒާމުކޮށްފައި ވަނީ ބަންގްލަދޭޝްގެ ޒުވާނުން އިސްވެ އުފައްދާފައިވާ ސިޔާސީ ޕާޓީ، ނޭޝަނަލް ސިޓިޒެން ޕާޓީ (އެންޕީސީ)ންނެވެ. ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ.
ގޯޕާލްގޮންޖުގައި ބޭއްވި މި ހިނގައިލުމަކީ، ހުސްވި އަހަރު ޒުވާނުން އިސްވެ ބޭއްވި ބޮޑެތި މުޒާހަރާތަކަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެންޕީސީން އިންތިޒާމުކުރި ސުލްޙަވެރި ހަރަކާތެކެވެ. ނަމަވެސް، މި ހިނގައިލުން ބަޔަކު ދިން ޙަމަލާތަކާއި ގުޅިގެން ވަނީ ބޮޑު ހަމަނުޖެހުންގަނޑަކަށް ބަދަލުވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ކަށަވަރު ނުވާއިރު، ބަންގްލަދޭޝްގެ ބައެއް މީޑިޔާތަކުން ހަތަރު މީހުން މަރުވިކަމަށް ބުނާއިރު، އަނެއް ބައި މީޑިޔާތަކުން ބުނަނީ ނުވަ މީހުން މަރުވެފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުގެ ޙަރަކާތްތެރިވަނީ
ހުސްވި އަހަރު އޮގަސްޓު މަހު ބަންގްލަދޭޝްގެ ޒުވާނުން އިސްވެ ބޭއްވި ބޮޑު މުޒާހަރާތަކަށް ފަހު، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަމުން އިސްތިޢުފާ ދެއްވައި، ޤައުމު ދޫކޮށް ވަޑައިގަތުމަށް މަޖުބޫރުވިއެވެ. އެ ހާދިސާއަށް ފަހު ވެރިކަން ހިންގަމުންދާ ވަގުތީ ސަރުކާރުން ވަނީ ޒުވާނުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ގިނަ ވަޢުދުތަކެއް ވެފައެވެ. ނަމަވެސް، އެ ވަޢުދުތައް ތަންފީޒު ކުރުމުގައި ލަސްތަކެއް ހުރުމަކީ ޒުވާނުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. މި ހަމަނުޖެހުންތަކަކީ މި ކަންބޮޑުވުންތަކުގެ ތެރެއިން އުފެދުނު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ މަޤާމު ފުރުއްވަމުން ގެންދަވަނީ ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. ގޯޕާލްގޮންޖްގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޔޫނުސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެންޕީސީން ބޭއްވި މުޒާހަރާގެ ބައިވެރިންގެ އިތުރުން ފުލުހުންނާއި ނޫސްވެރިންނަށް ވެސް ބަޔަކު ޙަމަލާ ދީފައިވާ ކަމަށާއި، އަދި އެއްގަމު އުޅަނދުފަހަރާއި ޢާންމުންގެ މުދަލާއި ތަކެއްޗަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.
ސޯޝަލް މީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޔޫނުސް ވިދާޅުވީ، "ހުސްވި އަހަރު ބޭއްވި މުޒާހަރާތަކަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ސުލްޙަވެރި ހިނގައިލުމަށް ހުރަސް އެޅުމަކީ ޒުވާނުންގެ ޙައްޤުތަކަށް އަރައިގަތުމަށް ހިންގާފައިވާ ފިނޑި، ދަށުދަރަޖައިގެ އަމަލެއް" ކަމަށެވެ. މީގެ އިތުރުން، ޒުވާނުންނާއި ފުލުހުންގެ އިތުރުން ނޫސްވެރިންނަށް ދީފައިވާ ޙަމަލާތަކުގެ ފަހަތުގައި އޮތީ ޙަސީނާގެ އަވާމީ ލީގް ޕާޓީ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން އިތުރު ތަފްޞީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.






