މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
މި ސިލްސިލާއަކީ ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިލްސިލާއެކެވެ.
މި ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. މި ފޯރަމް ކުރިއަށްދާނީ ރޭގަނޑު 20:00 އިން 22:30 އަށެވެ.
ވުޒާރާއިން ބުނީ މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ 'ދެމަފިރިންގެ ހައްގުތަކާއި ވާޖިބުތައް' މި މަޢޫޟޫއަށް ކަމަށެވެ. މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިހް ނިމާލު މުހައްމަދު، އައްޝައިހް އަހުމަދު މައުސޫމް އަދި އަލްއުސްތާޛާ ހައްވާ ލަޠީފް ކަމަށް ވުޒާރާއިން މައުލޫމާތު ދީފައިވެ އެވެ.
މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މަައުޟޫއުއަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ "ކައިވެނި ކުރެވުމާއެކު" މި މަައުޟޫއަށެވެ.









