އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް ގެ ފަރާތުން ލަނޑު ލިބުނު މީހުން ފުލުހަށް މައްސަލަ ހުށަހެޅުމަށް އެދިއްޖެއެވެ.
ފުލުހުން ބުނީ އަސްކޮއި ގުރޫޕުން އުމްރާއަށް ގެންދާނެކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ފައިސާ ނަގައި އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ގުރޫޕުގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅައި ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ. އަދި ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެގެންވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު ވުޒާރާގެ ސަމާލުކަމަށް ރޭ އިރާކޮޅު އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.









