ވެރިކަން ކުރާ ޕީއެންސީ އާއި ސަރުކާރަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދައްކަވަމުންގެންދަވާ ވާހަކަތަކަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހޫނު ރައްދެއް ދެއްވައިފި އެވެ.
ޕީއެންސީން ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ޝުޖާއުގެ ބަހުގެ ހޫނު ހަމަލާތަށް ފުރަތަމަ އަމާޒުކުރީ ކުރީގެ ރައީސް ޔާމީނަށެވެ. އެގޮތުން ޔާމީނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ނުސީދާގޮތުން ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ ޔާމީނަށް ވެރިކަން ގެއްލުނީ "މެޑަމް"ގެ ސަބަބުން ކަމަށާއި ރަށްރަށަށް ގޮސް ކުރީގެ ޕީޕީއެމް މެމްބަރުން ކައިރިން އޭރު ސުވާލުކުރުމުން ދެމުން ގެންދިޔަ ޖަވާބަކީވެސް އެއީ ކަމަށެވެ.
އަދި ޕީޕީއެމްގެ ހުރިހާކަމެއްވެސް ކުރަމުންދިޔައީ ސީދާ ޔާމިން ބޭނުންފުޅުވި ގޮތަށް ކަމަށާއި ޕާޓީގެ ހުރިހާ މަސައްކަތެއް ކުރީ އެމަނިކުފާނަށް ދޭން ޖެހޭ ހުރިހާ އިހުތިރާމެއްދީ ދެއްވި އިރުޝާދަކާއި ހިލާފަށް ނުވަތަ އެމަނިކުފާނުގެ ވިސްނުމާއި ދެކޮޅަށް އެއްވެސް ގޮތަކަށް ޕާޓީގެ އެތެރޭގެ ހިންގުން ކުރިޔަށް ގެންގޮސްފައި ނުވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ޕާޓީގައި ރައީސް ޔާމީން އެދިވަޑައިގެންނެވި ހުރިހާ ކަމެއް އަޅުގަނޑުމެން ލީޑާޝިޕުން ކޮށްފައި އޮންނާނީ. އޭގެ ހެއްކެއް ރޭގައި ވެސް އެ ވިދާޅުވީނޫންތޯ މާލޭގެ މޭޔަރުކަން ރައީސް މުއިއްޒަށް ލިބިވަޑައިގަތީމާ އެ މަނިކުފާނު ބޭނުންފުޅުވިއޭ އެ މަނިކުފާނުގެ ޑެޕިއުޓީ މޭޔަރުކަށް ހައްދަވަން މިނިސްޓަރު އައްޅޯ. ތިމަން މަނިކުފާނު ދެންނެވީމޭ އެހެނެއް ނުވާނޭ.. ދެން ލީޑަރުން ބުންޏޭ ކޮންމެވެސް އެހެން މީހަކަށް. ދެން އެހެނެއް ނުވާނޭ، އެންމެ ފަހުން ތިމަންނަ ޗޫޒްކުރެއްވީއޭ ނަރީޝް ޑެޕިއުޓީ މޭރަށް ތިބޭފުޅުން އާންމު މެންބަރުން ވިސްނަވާ އަޅުގަނޑުމެންގެ ލީޑާޝިޕް އެމަނިކުފާނަށް ކިޔަމަންތެރިވި މިންވަރު" ޝަުޖާއި ވިދާޅުވި އެވެ.
މި ސަރުކާރުން ވައްކަން ކުރާކަމަށް ބުނާބުނަމަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެސްއޯއީތަށް ތިބީ ދަރާފައި ކަމަށާއި އެޕާޓީން ވެރިކަމާއި ހަވާލުވިއިރު އިރު ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ބިލިއަނެއްހާ ޑޮލަރު ހުންނާނެ ކަމަށާއި ނަމަވެސް އެމްޑީޕީ ވެރިކަމާއި ހަވާލުވިގޮތަށް އެ ފަންޑު ބޭނުންކޮށް ހުސްކޮށްލި ކަމަށެވެ. އެހެންވެ މި ސަރުކާރުން ފުރަތަމަ ކުރަންޖެހުނު ކަމަކީ އެސްޑީއެފް ފަންޑުގައި "ތަޅު އަޅުވަން" އެކަމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުން ކަމަށާއި އެ ފަންޑަކީ ވެރިން ހިތުހުރިގޮތަކަށް ބޭނުންކުރަން އޮންނަ ފަންޑެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އިންޖީނުތައް ރާއްޖެ އެތެރެނުވަނީސް އެއަށް ފެނަކައިން ފައިސާ ދައްކާފައި ހުރީ. އެސްއޯއީތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ބައިވަރު ފައިސާހުރި ނުދެވި. އަދި އަދަށްދާންދެންވެސް މިއުޅެނީ ނުދެވިގެނޭ. ގިނަ އެސްއޯއީތަކަށް ހުރީ ބިލިކޮށްފައި 2،000، 5،000 ޕަސެންޓުން ބޮޑު އަގުގައި....މިހާރު އެސްއޯއީތަކަށް ހިތުހުރި އަގެއްގައި މުދަލެއް ނުގަނެވޭނެ،" ޝުޖާއު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެރިކަމާ ހަވާލުވި އިރު ނެތް ޑޮލަރެއް މިގައުމުގަ. ކައި ހުސްކޮށްފަ އޮތީ. އެހެންވީމާ އަޅުގަނޑުމެންނަށް ފުރަތަމަ ޖެހުނީ އެސްޑީއެފް ފަންޑު ލޮކް އަޅުވާ ތަޅުލަން. އަންނަ ކޮންމެ ވެރިއަކު ކާވަރުން،"
ޝުޖާއު ވިދާޅުވީ ޕީއެންސީން އުޅެނީ ޕާޓި ވެރިކަމެއް ކުރުމަށް ކަމަށާއި ރައީސް ޕާޓީ ވެރިކަމެއް ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕީއެންސީ ހިންގާނީ "މެޑަމް" އެއް ނޫން ކަމަށާއި ޕީއެންސީ ހިންގާނީ ޕާޓީގެ ރައީސާއި ލީޑާޝިޕުން ކަމަށް ވިދާޅުވި އެވެ.