ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކިއާރާ އަދުވާނީއާއި ސިދާތު މަލްހޯތުރާގެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބުނުކަން ސިދާތު ކަށަވަރުކޮށްދިނީ އޭނާގެ އިންސްޓަގްރާމަށްް ކުރި ޕޯސްޓެއްގަ އެވެ.

އެއާ ގުޅިގެން ބޮލީވުޑްގެ ތަރިންނާއި އެ ދެމަފިރިންގެ ސަޕޯޓަރުން އަންނަނީ އެކި ޕްލެޓްފޯމްތަކުގައި މަރުހަބާ ކިޔަމުންނެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކިއާރާ ވިހާފައިވަނީ މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގަ އެވެ.

އަލަތު ދަރިފުޅަށް ބަނޑުބޮޑުވީއްސުރެވެސް ކިއާރާ އުޅެމުން އައީ މީޑިއާއާ ވަރަށް ދުރުންނެވެ. އެގޮތުން އަލަތު ދަރިފުޅު ލިބޭކަން މި އަހަރުގެ ކުރީކޮޅު އިއުލާނުކުރުމަށް ފަހު އޭގެ އެތައް މަހެއް ފަހުން އާއްމުންނަށް ކިއާރާ ފެނިފައިވަނީ މި އަހަރުގެ މެއި މަހު ބޭއްވި މެޓް ގާލާ ހަފުލާގަ އެވެ.

ސިދާތު އާއި ކިއާރާގެ ކައިވެނި ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހެވެ. އެ ކައިވެންޏަކީ ވެސް ބައިނަލްއަގުވާމީ ގޮތުންވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ކައިވެންޏެކެވެ.