އަސްކޮއި ޓްރެވެލް ސާވިސް ޕްރައިވެޓް ލިމިޓެޑުގެ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު ވުޒާރާގެ ސަމާލުކަމަށް މިރޭ އިރާކޮޅު އައިސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ހިލާފުވެގެން މިދިޔަ މެއި މަހުވެސް އެ ގުރޫޕަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާއި، އުމްރާއަށް މީހުން ގެންދިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ހިލާފުވެފައިވާތީ، އަސްކޮއި ޓްރެވެލް ސަރވިސް ޕްރައިވެޓް ލިމިޓެޑު، 130،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މީގެ އިތުރުން މިއަހަރުގެ ރަމަޟާން މަހުގެ އުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ ނުވަ މީހެއްގެ ރީފަންޑު ފައިސާ އަނބުރާ އެފަރާތަށް ހަވާލުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.