ކުރިއަށް އޮތް ސްކޫލްތަކުގެ ފުރަތަމަ ޓާމު ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މިއަދު އިތުރުކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ ދަތުރުތައް އިތުރުކުރަން ނިންމީ ސްކޫލް ބަންދާ ދިމާކޮށް ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
ސްކޫލް ބަންދުތަކާ ދިމާކޮށް މޯލްޑިވިއަނުން އަބަދުވެސް ރާއްޖޭގެ އެތެރޭގެ ދަތުރުތަކާއި ބޭރުގެ ދަތުރުތައް އިތުރުކުރެ އެވެ. މިފަހަރު ވެސް ވަނީ ޑޮމެސްޓިކް ދަތުރުތަކާއި އެންމެ ޑިމާންޑް ބޮޑު އިންޑިއާގެ މަންޒިލުތަކަށް ކުރާ އިންޓަނޭޝަނަލް ދަތުރުތައް އިތުރުކޮށްފަ އެވެ.
މޯލްޑިވިއަނުން ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓަކަށާއި އިންޑިއާގެ ދެ ސިޓީ ކަމަށްވާ ކޮޗިން އާއި ޓްރިވެންޑްރަމަށް އެއާޕޯޓަށް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ މި މަހު 22 އިން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ދަތުރުތައް ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި، އެ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު އޭ330 ވެސް ހިމެނެ އެވެ.