މާދަމާއިން ފެށިގެން މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.
މެޓުން މިއަދު ނެރުނު މޫސުމާއި ބެހޭ އެޑްވައިޒަރީގައި ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ވައި ބާރުވެ، ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެ އެވެ.
މެޓުން ބުނީ ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި، ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުވެސް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިފަހުންވެސް މޫސުން ގޯސްވެގެން ދިޔަ ދުވަސްތަކުގައި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައްވެސް ވަނީ ހިނގާފައެވެ. އޭރުވެސް ކަމާބެހޭ އިދާރާތައް ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.









