ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް، ނަސްލު ނައްތައިލުމަށް ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ޔަހޫދީ ޢިލްމުވެރިންނާއި ދީނީ ޖަމާޢަތްތަކުން ތެދުވެއްޖެ އެވެ.
ޔަހޫދީން (ފޮތުގެ އަހުލުވެރީން)ގެ ތެރެއިން ލީޑަރުންތައް ވަނީ އެމެރިކާގެ ނިއުޔޯކާއި ލަންޑަން އަދި ޒަޔަނިސްޓުން ގަދަކަމުން ހިފާފައިވާ ޓެލް އަވީވް ފަދަ ސިޓީތަކުގައި މި ހަފްތާގައި އެއްވެ، ޔަހޫދީންގެ ނަމުގައި ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުން ކުށްވެރިކޮށް، ޒަޔަނިޒަމް އާއި ދެކޮޅު ހަދާފަ އެވެ.
އިސްރާއީލު ސިފައިންގެ ތެރޭގައިވެސް ކުރިން އުޅުނު އަދި މިހާރު މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރ އުމަރު ބާޓޯވްވެސް ވަނީ ނަތަންޔާހޫގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އޭނާ ވިދާޅުވީ ޔަހޫދީ ދީނުގައި ނަސްލު ނައްތާލުން ފަދަ ނުބައި ޢަމަލުތައް ބަލައިނުގަނެވޭނެ ކަމަށާއި މުސްލިމުންނާއި ދެކޮޅަށް ޣައްޒާގައި ހިންގަމުންދަނީ ސީދާ ނުބައި ޖަރީމާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ޣައްޒާއިން ނަސްލު ނައްތާލުމުގެ މަންޒަރުތައް ވަރަށް ސާފުކޮށް އޭނާއަށް ފެންނަ ކަމަށް ވިދާޅުވިއެވެ. “ނަސްލު ނައްތާލުމަކީ ކޮބައިކަން އަޅުގަނޑަށް ދެނެގަނެވޭނެ. މިއީ ޔަހޫދީ ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް” އިސްރާއީލުގެ މަޝްހޫރު އިލްމުވެރިޔާ އަދި ކުރީގެ ސިފައިންގެ މީހާ ވިދާޅުވިއެވެ.
އުމަރު ބާޓޯސް އާއެކު މި ހަރަކާތުގައި ތެދުވި ގިނަ ޢިލްމުވެރިން ވަނީ ޔަހޫދީ ދީނާއި ޒަޔަނިޒަމް އަކީ ތަފާތު ދޭއްޗެއް ކަމަށް ވިދާޅުވެ، ޣައްޒަގައި އެ ހިންގަނީ ސިޔާސީ ކަންކަން ކަމަށް ވިދާޅުވެފައެވެ.
“ޔަހޫދީ ދީނުގައި އޮތީ ސުލްހަ، ހިސާރުކުރުމާއި ހަލާކުކުރުމެއް ނޫން.” ޔަހޫދީ އިލްމުވެރިން ނެރުނު ބަޔާނެއްގައި ވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ވެސް އަސްލު އިސްރާއީލުގެ މީހެއް ނޫނެވެ. އޭނާގެ އާއިލާ އަކީ އިރުމަތީ ޔޫރަޕުން ޒަޔަނިސްޓުންނާއެކު ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަތުމަށް ހިޖުރަކުރި މީހުންގެ ތެރޭގައި ހިމެނޭ ބަޔެކެވެ
ޔަހޫދީ އިލްމުވެރިންގެ ބަޔާނުގައި ބުނީ ޣައްޒަގައި ހިނގަނީ ޔަހޫދީން ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތެއް ނޫން ކަމަށާއި އެއީ ސިޔާސީ ބާރާއި ނަސްލީ ބާރުވެރިކަމާއި ބެހޭ ކަމެއްް ކަމަށެވެ.
އިސްރާއީލުގެ ހަނގުރާމަ ވަރުގަދަވަމުންދާ ވަރަކަށް އެންޓި ޒަޔަނިސްޓުންގެ ޔަހޫދީންގެ ހަރަކާތް ދަނީ ކުރިއަރަމުންނެވެ. މިހާތަނަށް ޣައްޒާގައި 1 ލައްކަ އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި ކަމަށް ހަމާސް އިން ބުނެއެވެ.