ހުޅުމާލޭގައި ސިނަމާއެއް ހަދަން އިންވެސްޓަރުން ތިބީ ތައްޔާރަށް: އަސްވާޑު

އަައިޝަތު ޒީނާ | 47 ދުވަސް ކުރިން - 15 ޖުލައި 2025 16:14
ރޭ ބޭއްވި ހަވަނަ އަހާ ފޯރަމްގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރޭ ބޭއްވި ހަވަނަ އަހާ ފޯރަމްގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވަޒީރު ވިދާޅުވީ ހުޅުމާލޭގައި އެޅުމަށް ނިންމާފައިވަނީ މަދުވެގެން ހަަތަރު ސްކްރީނުގެ ސިނަމާއެއް ކަމަށާއި، އެއާއެކު ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ ކަންބޮޑުވުންތަކަށް ހައްލު އަންނާނެ ކަމަށް.

ހުޅުމާލޭގައި ސިނަމާއެއް އެޅުމަށް ބޭރުގެ އިންވެސްޓަރުންނާ ވާހަކަދައްކަވާފައިވާ ކަމަށާއި، އެކަމަށް އިންވެސްޓު ކުރުމަށް އެ ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ހަވަނަ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ހުރި ހަމައެކަނި ސިނަމާއަކީ އޮލިމްޕަސް ކަމަށާއި، ޒަމާނީ ފެންވަރުގެ އިމާރާތަކަށް އެތަން ބަދަލުކުރުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ ހުޅުމާލޭގައި ސިނަމާއެއް އެޅުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ މި މައްސަލައަކީ ވޭތުވެދިޔަ ސަރުކާރުން އަޅާނުލާ ދޫކޮށްލާފައި އޮތް މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ސިނެމާއެއް ނެތް ކަމަށާއި، އޮލިމްޕަހަކީވެސް ތިއޭޓަރެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އޮލިމްޕަސް އިތުރަށް ތަރައްގީކޮށްގެން ވާނެ މޮޅެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގައި ވަރަށް ހުނަރުވެރި ގިނަ އަދަދެއްގެ ޕްރޮޑިއުސަރުން އުޅޭ ކަމަށާއި، އެ އެންމެންގެ އުފެއްދުންތައް ދެއްކުމަށް އޮލިމްޕަހުން އެކަނި ޖާގަ ނުދެވޭކަން ވަޒީރު ފާހަގަކުރެއްވި އެވެ.

"ޕްރޮޑިއުސަރުންގެ ޝަކުވާ ވަރަށް ބޮޑު، އެތަނުގެ ޑޭޓުތައް ނުލިބިގެން. އަޅުގަނޑުމެންނަށް ކުރެވޭނެ ވަކި ކަމެއް ނޯންނާނެ. އަހަރެއްގައި އޮންނާނީ ބާރަ މަސް. ބާރަ މަހުން އަޅުގަނޑުމެންނަށް ދުވަސް ދެވޭނީ. ޕްރޮޑިއުސަރަކު 30 ދުވަސް ނަގައިފިއްޔާ ފުރުސަތު ލިބޭނީ ބާރަ ޕްރޮޑިއުސަރުންނަށް.." ވަޒީރު ވިދާޅުވިއެވެ.

ދިވެހިންގެ އާދަކާދަ އޮންނަ ގޮތުން ފިލްމު ބަލަންދަނީ ވެސް ހަމައެކަނި ރޭގަނޑުކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ ޕްރޮޑިއުސަރުންނަށް އެކަމުން ނަފާ ހޯދުން ވެސް އުނދަގޫ ކަމަށެވެ.

ވަޒީރު ވިދާޅުވީ އޮލިމްޕަސް ތަރައްގީކުރުމަށް އެތަން ބަންދުކުރެވެން ވެސް ނޯންނާނެ ކަމަށާއި، އެތަން ބަންދު ކުރުމަކީ ވިޔަފާރި ބަންދުކުރުން ކަމަށެވެ.

ވަޒީރު ވިދާޅުވީ މި މައްސަލަ ހައްލުވާނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް އެހެން ތަނެއްގައި އަޅައިގެން ކަމަށެވެ. އެކަން ކުރުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނާ ވާހަކަދައްކަވާފައިވާ ކަމަށާއި، އެމީހުންނާ ބައްދަލުވެސް ކުރައްވައި، މިކަމަށް އިންވެސްޓުކުރުމުގެ ޝައުގުވެރިކަން އެ ފަރާތްތަކުން ފާޅުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވާހަކަ ދައްކައިގެން ހުޅުމާލެއިން ބިން ހޯދައިގެން އެކަން ކުރައްވާނެ ކަމަށެވެ. އެއާއެކު ސްކްރީނާއި ސިނަމާ ނެތިގެން ފިލްމު ނޭޅުވިގެން އުޅޭ އުޅުމަށް ހައްލު އަންނާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.

"އެންމެ މަދުވެގެން ގާތްގަނޑަކަށް ހަތަރު ސްކްރީނުގެ ސިނަމާ އަޅުގަނޑުމެން ގާއިމްކުރާނަން، ހުޅުމާލޭގައި. އޭރުން ހަމަ އެއް ރޭ ހަތަރު ފިލްމް އެޅުވޭނެ، އަޅުވައިގެން ތިބޭފުޅުންނަށް ބަލާލެވޭނެ.." ވަޒީރު ވިދާޅުވި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%