ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން "ޔޫތު އޯޕަން ޑޭ 2026" ބެއްވުމަށް ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީގެ އެކްސްގައި މިއަދު ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ އެމިނިސްޓްރީން އިންތިޒާމްކޮށް ކުރިއަށް ގެންދާ އިވެންޓް "ޔޫތު އޯޕަން ޑޭ 2026" ކުރިއަށް ދާނީ ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި ކަމަށެވެ. އެއީ މިމަހު 30 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމަޔަށެވެ. އަދި މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެގެ ލިލީ މަގުގައި ހުންނަ ޒުވާނުގެ މަރުކަޒު ނުވަތަ ޔޫތު ހަބުގަ އެވެ.


"ޔޫތު އޯޕަން ޑޭ" އާ ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަސީލް ވިދާޅުވީ ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕް ޕްރޮގްރާމްތަކާއި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކާއި ކޮމިއުނިޓީ އެމްޕަވާމެންޓްގެ އިތުރުން އެންޖީއޯތަކާ ބެހޭ، ޒުވާނުންނަށް މުހިއްމު މައުލޫމާތުތައް މިއިވެންޓުން ލިބޭނެ ކަމަށެވެ. އަދި ލައިބްރަރީން ހިންގާ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ވެސް ލިބޭނެ ކަމަށް އަސީލް ވިދާޅުވި އެވެ.
"ޔޫތު އޯޕަން ޑޭ" އަކީ ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ އިވެންޓްއެއް، މި އިންވެންޓަކީ ޒުވާނުންނަށް ވަރަށް ބައިވަރު އިންފޮމޭޝަންސް ލިބޭނެ އިވެންޓެއް" އަސީލް ވިދާޅުވި އެވެ.
އަސީލް ވިދާޅުވީ މި އިވެންޓުގައި މައުލޫމާތު ދިނުމުގެ އިތުރުން ޒުވާނުންނަށް މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ ކަމަށެވެ. އޭގެ ތެރޭގައި ލައިވް ޕާފޯމެންސްތަކާއި ޕްރައިޒްޑް ގޭމްތަށް ވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ. ހަމަ އެއާއެކު ވަރަށް ފޯރިގަދަ ޓްރެޝާ ހަންޓެއް ކުރިއަށް ދާނެ ކަމަށް އަސީލް ފާހަނގަކުރެއްވި އެވެ.








