ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވުމާ ގުޅިގެން، އެކަމުގެ އުފާފާޅުކުރުމަށް ހާއްސަ ބާބަކިއުއެއް ބޭއްވުމަށް ނިންމައިފި އެވެ.
https://x.com/i/status/2036709336182096166
ޕްރެޒިޑެންޓްސް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ބާއްވާ މި ބާބަކިއު އޮންނާނީ މާދަމާ ހަވީރު 05:30 އިން ފެށިގެން ރޭގަނޑު 07:00 އަށް، ހުޅުމާލެ ފޭސް 2 ގެ ބާބަކިއު ބީޗު ސަރަޙައްދުގަ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނަށް ދެއްވި މި ފުރުސަތު ފާހަގަކޮށް، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ ހަރަކާތެކެވެ.
މިކަމާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ވަކި އިންސައްތައެއް ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަ ކުރުމަކީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މަސައްކަތްތައް ރަސްމީކޮށް ކުރިއަށް ގެންދާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްފަހުގައި ކަމަށެވެ.
މި ނިންމުމަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.









