ބޭސްފަރުވާގެ ހަރަދުތައް ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ ޖޫން މަހު 25 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެންސްޕާއިން ހަރަދުކޮށްފި އެވެ.
އެންސްޕާއިން ބުނީ ބޭސްފަރުވާގެ ހަރަދުތައް ކުރުމަށް ދަތިވާ ފަރާތްތަކަށް މިދިޔަ ޖޫން މަހު ޖުމުލަ 25،811،205.43 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށްޓަކައި 8،100،629.86 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ. އަދި ރާއްޖެއިން ފަރުވާ ކުރުމަށް 17،710،575.57 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން އެހީ ހަމަޖައްސައިދީފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ފަރުވާތަކަށެވެ. އެގޮތުން އެފަދަ ބަލިތަކަށް ފަރުވާ ކުރުމަށް 112 ފަރާތަކަށް އެހީވެފައިވާކަމަށް އެންސްޕާއިން ބުންޏެވެ.
ދެވެނަ އަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ މައިބަދަ ނުވަތަ ނާރުގެ ބަލިތަކަށެވެ. އެގޮތުން އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ 111 ފަރާތަކަށް އެންސްޕާއިން ވަނީ އެހީވެފައެވެ. އަދި ތިންވަނައަށް އެންމެ ގިނައީ ކަށީގެ ބަލިތައް ތަހައްމަލު ކުރާ ފަރާތްތައް ކަމަށްވާއިރު، އެފަދަ 104 ފަރާތަކަށް އެންސްޕާއިން އެހީވެފައިވެ އެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު ވަނީ އެ އިދާރާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް 1،173 ފަރާތަކަށް އެހީ ހަމަޖައްސައިދީފަ އެވެ.