ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 13 ޖުލައި 2025 21:25
ނޫސްވެރިކަމުގެ އިނާމު
ނޫސްވެރިކަމުގެ އިނާމު
ޚުލާސާ

ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން ހިމެނޭ ކަމަށް މީޑިއާ ކައުންސިލުން ފާހަގަކުރި.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ނޫސްވެރިކަމުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ނޫސްމަޖައްލާ، އޯޑިއޯ އަދި ވީޑިއޯ ޖާނަލިޒަމްގެ 14 ދާއިރާއަކުން ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

އެމްއެމްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން އެމްއެމްސީގެ ވެބްސައިޓުން ފޯމު ޑައުންލޯޑުކޮށް، ފުރުމަށްފަހު ހުށަހެޅޭނެ ކަމަށެވެ.

މިއަހަރު އިނާމު ދިނުމަށް ހަމަޖެހިފައިވާ 14 ދާއިރާ ތިރީގައި މިވަނީއެވެ.

  1. ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
  2. އިޖުތިމާއީ ދާއިރާ
  3. ސިޔާސީ ދާއިރާ
  4. ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
  5. ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
  6. ކުޅިވަރުގެ ދާއިރާ
  7. ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ
  8. ޑޮކިއުމަންޓްރީގެ ދާއިރާ
  9. ފީޗާ ރިޕޯޓުގެ ދާއިރާ
  10. ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  11. ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
  12. އުންމީދީ ނޫސްވެރިޔާގެ އިނާމު
  13. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
  14. ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

މީޑިއާ ކައުންސިލުން ބުނީ، ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށެވެ.

ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް މީޑިއާ ކައުންސިލުން އިނާމު ދެއެވެ. އެގޮތުން، ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު އިނާމު ދޭނީ މިދިޔަ އަހަރު ނޫސްވެރިން ކޮށްފައިވާ މަސައްކަތްތަކަށެވެ.

އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ. މި އިނާމަކީ ދިވެހި ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެމްއެމްސީން ކުރާ މުހިންމު މަސައްކަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%