އަރިއަތޮޅު އުތުރުބުރީ މާޅޮހު މާހިޔާ ގޭގައި ނިދާފައި އޮއްވައި ތޭ ލާއިންސާނީ އަނިޔާތައްދީ މަރައިލި އެ ރަށު 65 އަހަރުގެ ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު އޮޓޯޕްސީ ހަދަން މާލެ ގެންނަން ނިންމައިފިއެވެ.
ފުލުހުން ބުނީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ޙާލު ދެރަވެގެން އެރަށު ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. އަދި އެ ރަށަށް ދިޔަ ފުލުހުންގެ ޚާއްޞަ ޓީމުން އޭނާގެ ހަށިގަނޑު އޮޓޯޕްސީ ހަދަން ނިންމިކަން ޢާއިލާއަށް އަންގާފައިވާ ކަމަށެވެ.
ނިދާފައި އޮއްވާ އަނިޔާދީ މަރައިލި ޢަބްދުއްރަޙްމާން ދިރިއުޅޭ ގޭގެ ސަރަޙައްދު ފުލުހުން ބަންދުކޮށްފައި: ހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ ރޭ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް ބެލެވޭ / ފޮޓޯ: ޕީއެސްއެމް.
ޢަބްދުއްރަޙްމާން އާދަމް މަރުވީ ރޭގެ ފަތިހުގެ ވަގުތެއްގައި އެރަށު ޞިއްޙީ މަރުކަޒުގައި އޮއްވައެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ދީފައިވާތީ، ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ގިނަ ޢަދަދަކަށް ލޭ ފޭބިއެވެ.