ސްކޭމްގެ 12 މައްސަލައެއްގެ ތުހުމަތުވާ މީހަކު އާންމުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފި

އަހްމަދު އީޒާން | 11 ގަޑިއިރު ކުރިން - 13 ޖުލައި 2025 16:10
ސްކޭމްގެ މައްސަލާގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ސްކޭމްގެ މައްސަލާގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

އޭނާ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި މީހުންގެ އަތުން މަކަރާއި ހީލަތުން 30،000ރ. އަށް ވުރެ ގިނަ ރުފިޔާ ނެގިކަމުގެ ތުހުމަތުގައި.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 12 މައްސަލައެއްގެ ތުހުމަތުވާ މީހަކު, ފުލުހުން އާންމުން އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ, މއ. ރަބީއު, ސާއިފް އަހްމަދު ދީދީ, 30 އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި މީހުންގެ އަތުން މަކަރާއި ހީލަތުން 30،000ރ. އަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް, އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މީހާ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން އިއްޔެ ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ އޭނާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%