ލ. ގަމަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / އުޑުވިލާގެ، ޙުސައިން ޝަރީފް (35އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ތ. އަތޮޅުން ލ. ގަމަށް އަންނަ ފެރީއަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖޫން މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ލ. ގަން މުކުރިމަގު ބަނދަރުމަތިން ކަމަށް ފުލުހުން ބުންޏެވެ.
ލ. ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރު ކުރި މީހާ. / ފޮޓޯ: ފުލުހުން
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގައި ހުރި ތަކެތީގެ ބަރުދަނުގައި 321.40 ގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.