މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ދުވާފަރު ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ ހަތްވަނަ ދުވަހާއި ނުވަވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެ އޮޕަރޭޝަނުގެ ތެރެއިން، މި މަހު ނުވަވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ފިނިރޯޅި، އާދަމް އިބްރާހީމް (31އ) އާއި ރ. ދުވާފަރު / މަރިޔާދުގެ، އިބްރާހީމް ސިނާން (37އ) އާއި ރ. ކަނދޮޅުދޫ / ސަކީނާމަންޒިލް، އަބްދުﷲ އާދަމް (51އ) ކަމަށެވެ. އަދި މި މަހު ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ވިލާ، އަބްދުﷲ ޝާއިފް (25އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވާ ކަމަށެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދުވާފަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.